Thursday, July 17, 2008

ދަރިވަރުންގެ ޙައްޤުތަކަށް އަރައިގަތުން ހުއްޓާނުލައިފިނަމަ "ރިފޯމް ސީ.އެޗް.އެސް.އީ" އިން އިހުތިޖާޖު ކުރަން ނިކުންނާނެ


17 ޖުލައި 2008 (ބުރާސްފަތި)


ސީ.އެޗް.އެސް.އީ ގެ ދަރިވަރުންނަށް އިންޓަވަލްގަޑީގައި ސްކޫލުން ބޭރަށް ނުނިކުމެވޭ ގޮތަށް، ސްކޫލް ގޭޓް ބަންދުކޮށް، ސްކޫލް ތެރޭގައި ދަރިވަރުން ހައްޔަރުކޮށް، އެކުދީންގެ ޙައްޤުތަކަށް ސްކޫލް މެނޭޖްމަންޓުން އަރައިގަންނަމުންދާތީ، "ރިފޯމް ސީ.އެޗް.އެސް.އީ" ހަރަކާތުން، އެންމެ ހަރުކަށި ޢިބާރާތުން އެކަންކުށްވެރި ކުރަމެވެ.

އިންޓަވަލް ގަޑީގައި ސުކޫލް ތެރޭގައި ކުދިން ހިފެހެއްޓުމަކީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ސްކޫލް ބޭރުން ލިބޭ އަގަށްވުރެ ސްކޫލްތެރޭގައި ހުންނަ ކެންޓީނުން ބައެއް އެއްޗިހި އަގު ބޮޑެވެ. ކުދިންގެ ތެރޭގައި ގިނައީ އަތޮޅުތަކުން މާލެ އައިސް ތިބިކުދިންނެވެ. ހުރިހާ ކުދިންނަކަށް ކެންޓީނުން އިންޓަވަލް ގަޑީގައި ކެއުމުގެ ތަނަވަސްކަމެއް ނެތެވެ. ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އިންޓަވަލް ކުރަން ގެއަށްދާން ބޭނުންވިޔަސް، ގެއަށް ނުދެވުމުގެ ސަބަބުން އެއްވެސް އެއްޗެއް ނުކައި ބަނޑަށް ތިބޭ ކުދިންވެސް މަދެއްނޫނެވެ. މީގެ އިތުރުންވެސް އެތައް ސަތޭކަ ކުދިންނަށް 15 މިނެޓް ތެރޭގައި، އެންމެ ދެ އިސްކުރުން ފެންބޮއި، ހައެއްކަ ފާޚާނާ ބޭނުން ކުރާނެ ގޮތެއް ނުވިސްނެއެވެ. މިއީ ވަރަށް ލާއިންސާނީ ޢަމަލެކެވެ. މިހުރިހާކަމެއްގެ ނަތީޖާއަކީ ސްކޫލަށް ދިއުމުގެ ބޭނުން ފުރިހަމަ ނުވުމެވެ. ބަނޑުހައި ހޫނު ކަމާއި، ހިތްހަމަ ނުޖެހުމާއި، ނަފްސާނީ އަނިޔާތަކެއްގެ ތެރޭގައި ރަނގަޅަކަށް ނުކިޔެވޭނެއެވެ.

މަގުމަތީގައި ނުވަތަ ކެފޭ ތަކުގައި މަދު ކުދިބަޔަކު ސަކަރާތް ގަތުމަކީ، ދެން ތިބި ހުރިހާ ކުދިންގެ ޙައްޤުތަކަށް ސްކޫލް މެނޭޖްމަންޓުން އަރައިގަންނަން އޮތް ބަހަނާއެއް ނޫނެވެ. އަދި މީގެ ކުރިން ސީއެޗް.އެސް.އީ އިން ތަޢުލީމު ހާސިލް ކޮށްފައިވާ ދަރިވަރުންނަށް ލިބިދީފައިވާ ޙައްޤެއް، މިހާރުގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަތުމަކީވެސް އިންސާފެއްނޫނެވެ.

ސީ.އެޗް.އެސް.އީ ދަރިވަރުންނަށް އިންޓަވަލް ގަޑީގައި ސްކޫލުން ބޭރަށް ނިކުތުން މަނާކޮށް، ސްކޫލް މެނޭޖްމަންޓުން ހަރުކަށި ގަވާއިދެއް ހަދައިގެން އުޅުމަކީ، ވަރަށް ފިނޑި ޢަމަލެކެވެ. މީގެން ދޭހަވަނީ ދަރިވަރުންގެ އަޚްލާޤް ބައްޓަންކުރުމުގައި ސްކޫލް މެނޭޖްމަންޓް ފޭލް ވެފައިވާކަމެވެ. އޮބިއަޅުވައިގެން އެއްވެސް ކަމެއް ހައްލު ނުވާނެއެވެ.

ވުމާއެކު، އިންޓަވަލް ގަޑީގައި ސްކޫލުން ބޭރަށް ނުދެވޭ ގޮތަށް ދަރިވަރުންން އޮބިއެޅުވުމުގެ ހަރުކަށި ގަވާއިދު އުވާލައި، އިންޓަވަލްގަޑީގައި ސްކޫލްގެ ގޭޓުތައް ހުޅުވުމަށް، ސްކޫލްގެ މެނޭޖްމަންޓަށާއި ސްކޫލްގެ ފްރިންސިޕަލް ފާތުމަތު އާމިރާއަށް ގޮވާލަމެވެ. މިހަރުކަށި ގަވާއިދު އުވާނުލައިފިނަމަ ސީ.އެޗް.އެސް.އީ ކުދިންގެ ޙައްޤުގައި، "ރިފޯމް ސީ.އެޗް.އެސް.އީ" ހަރަކާތުން ވަރަށް ޘާބިތުކަމާއެކު އިހުތިޖާޖު ކުރަން ނިކުންނާނެ ކަމުގެ އިންޒާރުވެސް ހިއްސާކޮށްލަމެވެ.

އަދި ސީ.އެޗް.އެސް.އީގެ މެނޭޖްމަންޓުން އެސްކޫލްގެ ދަރިވަރުންނަށް ކުރަމުން މިދާ ގޯނާ ހުއްޓުވައި، މިކަން ބައްލަވައި، މިކަމާމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރަށް އިލްތިމާސްކުރަމެވެ.

Thursday, October 18, 2007

އާމިރާއާ ބައްދަލުކުރުމަށް އިސްދަރިވަރުން ހުށަހަޅައިފި

ބުދަ 18 ޖުލައި 2007

ސީއެޗްއެސްއީގައި އިސްލާޚުކުރަން ޖެހޭ ކަންތައްތަކާއިމެދު އަދި އެސްކޫލްގައި އިސްދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމާމެދު މަޝްވަރާކުރުމަށްޓަކައި އެސްކޫލްގެ ޕްރިންސިޕަލް ފާތުމަތު އާމިރާއާ ބައްދަލުކުރުމަށް އެދި އެސެންޓަރުން ދަސްވެނިވިފައިވާ އިސްދަރިވަރުންތަކެއް ހުށަހަޅައިފިއެވެ. އިސްދަރިވަރުންގެ ފަރާތުން ސިޓީ ހުށަހަޅާފައިވާނީ މޫސާ އަންވަރުގެ ނަމުގައެވެ. ތިރީގައި މިވަނީ ޕްރިންސިޕަލަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެކެވެ. "ރިފޯމް ސީއެޗްއެސްއީ" ހަރަކާތުގެ ފަރާތުން ޕްރިންސިޕަލަށް ހިތްވަރުދެނީ ވީހާވެސް އަވަހަކަށް އިސްދަރިވަރުންނަށް ޖަވާބެއްދެއްވުމަށާއި އެކުދިންނާއި އިސްލާމީ ރިވެތި އުސޫލުގެމަތިން އެކުދިންނާއި މަޝްވަރާކުރުމަށެވެ.

a

ސީ.އެޗް.އެސް.އީގެ ލޮބުވެތި ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު އާމިރާއަށް

ވެދުންސަލާމަށްފަހު ދަންނަވަމެވެ.

ސީއެޗްއެސްއީގައި ވޭތުވެކުރި ދެއަހަރުގެ ތަޖުރިބާއަށްފަހު އިސްލާހުކުރަން ޖެހޭކަމަށް އަޅުގަނޑަށް ފެންނަ ބައެއް މުހިއްމު ކަންކަން އަޅުގަނޑު ވާނީ ނިމިދިޔަ ޖޫން މަހު ޕްރިންސިޕަލަށް ހުށަހަޅާފައެވެ. އެގޮތުން ސީއެޗްއެސްއީގެ އިސްދަރިވަރުންނާއި ސްކޫލްގެ ގުޅުން ކުޑަކަމާއެކު، އެއީ އެކަން އޮންނަން ޖެހޭ ގޮތްކަމަށް ނުވާތީ، ސްކޫލުން ވަކިވާ ކުދިންނާއި ސްކޫލްގެ ގުޅުން ބަދަހިކުރުމަށްޓަކައި އިސްދަރިވަރުންގެ ޖަމިއްޔާއެއް ހެދުމަށްވެސް އަޅުގަނޑުވާނީ ޑްރާފްޓެއް ހުށަހަޅާފައެވެ. އަޅުގަނޑުމެންގެ އިޚްލާސްތެރި މަޤްސަދަކީ ކޮންމެވެސް ހައިސިއްޔަތަކުން ސީއެޗްއެސްއީއަށް ތާއަބަދު ޚިދުމަތް ކުރުމެވެ. ހަމައެހެންމެ ކިޔަވަން ބޭނުންވާ ނޯޓްސް ލުއި ފަސޭހަ ގޮތަކަށް ލިބުމަށް އެދި މިސެންޓަރުގެ މެޖޯރިޓީކުދިންގެ ތާއީދާއެކު އަޅުގަނޑުވާނީ އިލްތިމާސް އެއްވެސް ހުށަހަޅާފައެވެ. މަޤްސަދަކީ ދަރިވަރުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ލިބުމެވެ.

މިފަދަ ކަންކަމާމެދު ޕްރިންސިޕަލާއި މަޝްވަރާކޮށްލަން އަޅުގަނޑުމެން ސީއެޗްއެސްއީގެ އިސްދަރިވަރުންކޮޅެއް އެބަބޭނުންވެއެވެ.

ވުމާއެކު އަޅުގަނޑުމެންނަށް ޕްރިންސިޕަލާއި ބައްދަލުކުރުމުގެ ފުރުސަތެއް ދެއްވުން އެދި އިޚްލާސްތެރިކަމާއެކު ދެންނެވީމެވެ.

އިޚްތިރާމްޤަބޫލްކުރެއްވުން އެދެމެވެ.

16 ޖުލައި 2007

އަލްމުޚްލިސް


މޫސާ އަންވަރު

(އިސްދަރިވަރުންގެ ފަރާތުން)

ސެންޓަރފޮރ ހަޔަރަ ސެކަންޑްރީ އެޑިއުކޭޝަން

މާލެ،

ދިވެހި ރާއްޖެ

____________________________________________________________

އަހަރީދުވަހު ސީއެޗްއެސްއީ ދަރިވަރުން ނާހިދާ އިސްތިއުފާއަށް ގޮވައި އިހުތިޖާޖުކޮށްފި

އާދިއްތަ 8 ޖުލައި 2007


ސީއެޗްއެސްއީގެ އަހަރީދުވަހުގެ މުނާސަބަތުގައި އިއްޔެ ހެންވޭރު ދަނޑުގައި އެސެންޓަރުގެ ދަރިވަރުންގެ މެދުގައި ބޭއްވުނު ކުޅިވަރުތައް ނިންމާލުމުގެ ގޮތުން، ސީއެޗްއެސްއީގެ ދަރިވަރުން، އެސެންޓަރުގެ ސުޕަވައިޒަރު ނާހިދާ މުޙައްމަދުގެ އިސްތިއުފާ ދިނުމަށް ގޮވާލާ އިހުތިޖާޖު ކޮށްފިއެވެ. ގާތްގަނޑަކަށް ދުއިސައްތައެއްހައި ކުދިން ބައިވެރިވި އިއްޔެގެ ކުޅިވަރު ހަރަކާތްތަކަށްފަހު ނާހިދާ އިސްތިއުފާއަށް ގޮވާލައި ލީފްލެޓް ބަހާފައިވެއެވެ. ސްކޫލްޓީޗަރުންނަށާއި ކުދިންނަށް ދުއިސައްތައެއްހައި ލިފްލެޓް ބެހުމުގައި މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވިއެވެ.

ދަރިވަރުންގެ ޝުއޫރުތައް ހުރިގޮތާ ބެހޭގޮތުން ދަރިވަރަކާއި ސުވާލުކުރުމުން "ނާހިދާ އިސްތިއުފާއަށް ގޮވާލާ ލީފްލެޓް ދިނުމުން ކުދިން ވަރަށް ގަޔާވޭ އަދި އޭނާ އަކީ މާ ބޮސީ ވެގެން އުޅޭ ކުދިންނާ ނުގުޅޭ ފޮނި މީހެއް، އޭނާ ޤަބޫލެއްނުކުރަން، ޖުމްލަގޮތެއްގައި މުޅި ސީއެޗްއެސްއީގެ ރޫހު މިހުރީ ނާހިދާ އާދެކޮޅަށް، ސީއެޗްއެސްއީއަށް އަޅުގަނޑުމެން މިގޮވާލާ އިސްލާޚުތައް އަންނަންދެން އިހުތިޖާޖުތައް މެދުނުކެނޑި ކުރިއަށްދާނެ" ކަމަށް ބުންޏެވެ

____________________________________________________________

ސީއެޗްއެސްއީ އިސްލާޚުކުރުމަށް ގޮވާލައި ފުރަތަމަ ފަހަރަށް ސީއެޗްއެސްއީ ކުދިން މުޒާހަރާކޮށްފި

ހޯމަ 25 ޖޫން 2007

މާލޭގައި ހަމައެކަނި މަތީ ސާނަވީ ކިޔަވާދޭ ސަރުކާރު ސްކޫލްކަމަށްވާ ސެންޓަރ ފޯ ހަޔާ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ން މިއަދު ދަސްވެނިވި 300 އެއްހާ ދަރިވަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ދަރިވަރުން ދަރުބާރުގޭ ކުރިމަތީ ކުރި އިޙްތިޖާޖްގައި ސީއެޗްއެސްއީގެ ސުޕަވިޒަރ ނާހިދާ ސްކޫލުގައި ސަރުކާރުގެ ޕޮރޮޕެގަންޑާ ހިންގާފައިވާތީ މަޤާމުން އިސްތިފާދެއްވުމަށް ގޮވާލައިފިއެވެ.

އިސްތިޢުފާގެ އަޑު އުފުލަމުން، ނާހިދާއަކީ ސިޔާސީކުލަ ޖެހިފައިވާ ސަރުކާރުގެ ޕޮރޮޕެގަންޑާ ހިންގާ މެޝިނެއްކަމަށް ސީއެޗްއެސްއީގެ ދަރިވަރުން ގޮވަމުންދިޔައެވެ. އަދި ނާހިދާގެ އަނިޔާވެރިކަމުގެ ޝިކާރާގައި އެތައް ކުދިންނެއް ޖެހިފައިވާކަމަށާއި، އެގޮތުން އޭނާގެ ހަސަދާގައި ޖެހި އެތައް ކުދިންނެއްގެ ކިޔެވުން ހަލާކުވެފައިވާކަމަށް މި އިޙްތިޖާޖްގައި ބައިވެރި ކުދިން ގޮވަމުންދިޔައެވެ.

މި އިޙްތިޖާޖްތަކުގައި ބައިވެރިވި ކުދިން ތިބީ އެކުދިންގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ބެނާތަކެއް ހިފައިގެންނެވެ. “ސީއެޗްއެސްއީގެ 18 މިލިއަން ބަޖެޓު ކޮބާ؟” އަދި “ކިޔަވާ ކުދިންނަށް ޤާބިލު ޓީޗަރުން ބޭނުން، ލައިބްރަރީގެ ހިދުމަތް ރަނގަޅުކުރޭ” އިޙަތިޖާޖް ކުރަމުންދިޔަ ކުދިން ގެންގުޅުނު ބެނާތަކުގައި ލިޔެފައިވެއެވެ. އަދި މީގެ އިތުރުން ސީއެޗްއެސްއީ އިސްލާހުކޮށް، މިވީ ދެ އަހަރުތެރޭގައި ދަރިވަރުންނަށް ކުރެވުނު ހިތި ތަޖުރިބާގެ ރަހަ، ސީއެޗްއެއްސީއަށް އަންނާން އޮތް ޖީލު ސަލާމަތް ކޮށްދެއްވުމަށް ގޮވަމުންދިޔައެވެ. “ލެބޯޓްރީގައި ކެމިކަލް ހަމަކޮށްދީ، އަންހެންކުދިންނަށް އުދަގޫ ނުކުރޭ” އަދި “އަޑު އައްސަވާ، ހަސަދަވެރި ތަފާތު ކުރުންތަކަށް ޖާގައެއްނެތް، ނާހިދާ އިސްތިޢުފާ” ޝުއޫރުފާޅު ކުރުމަށް އުފުލަމުންދިޔަ ބެނާތަކުގައި ލިޔެފައިވެއެވެ

____________________________________________________________

Thursday, July 5, 2007

REFORM CHSE PROTEST 25th JUNE 2007

Click to EnlargeSaturday, June 30, 2007

ސީއެޗްއެސްއީގެ 749 ދަރިވަރުންގެ ޕެޓިޝަނެއް އާމިރާއަށް

ހޮނިހިރު 30 ޖޫން 2007

ސީއެޗްއެސްއީގެ ޕުރިންސިޕަލް ފާތުމަތު އަމީރާއަށް މި ސިޓީއާއި އެކު ޖޫން 2007ގައި ފޮނުވާފައިވާ ޕެޓިޝަނުގައި 749 ދަރިވަރުން ސޮއި ކޮށްފައިވެއެވެ. އެގޮތުން 2007 ސީއެޗްއެސްއީން ދަސްވެނިވި 180 ކުދިނާއި މިހާރު ގްރޭޑް 12 ގަ ތަޢުލީމް ހާސިލްކުރާ 566 ދަރިވަރުން ސޮއި ކޮށްފައިވެއެވެ. ދަރިވަރުންގެ ސޮއިގެ ކޮޕީ މިސިޓީގެ ތިރީގައި މިވަނީއެވެ. އަޅުގަނޑުމެން ތަކުރާރުކޮށް ގޮވާލަނީ މިއަސާސީ ޙައްޤު ދަރިވަރުންނަށް ފޯރުކޮށް ދިނުމަށެވެ. އެހެންނޫނީ އިހުތިޖާޖުކުރަން ފަސްނުޖެހޭނެ ވާހަކަ ދެންނެވީމެވެ. .


aސީ.އެޗް.އެސް.އީގެ ލޭފަވެތި ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު އާމިރާއަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ސީ.އެޗް.އެސް.އީ އަކީ ރާއްޖޭގައި އޭލެވެލް އަށް ކިޔަވައިދޭ އެންމެ ދުވަސްވީ އެންމެ ސީނއަރ ސެންޓަރެވެ. މާލޭގައި ހުރި ހަމައެކަނި ސަރުކާރު އޭލެވެލް މިސެންޓަރުން ވޭތުވެދިޔަ 15 އަހަރު ދުވަހުތެރޭގައި 6052 ދަރިވަރަކު ތަޢިލީމު ހާސިލްކޮށްފައިވެއެވެ. އަހަރަކަށްވުރެ އަހަރެއް މިސެންޓަރުގެ އާބާދީ އިތުރުވަމުން އައިސްފައިވެއެވެ. ހަމަ އެއާއެކު ބަޖެޓްވެސް ބޮޑުވަމުން އާދެއެވެ. މިއަހަރަށް ލަފާކުރި މިސެންޓަރުގެ ބަޖެޓަކީ 18,895,719 ރުފިޔާއެވެ. މިއާއެކު އަޅުގަނޑުމެންގެ ބޭނުންތައްވެސް އިތުރުވަމުންދެއެވެ. އަޅުގަނޑު މިސިޓީ ލިޔުމުގެ މަޤްސަދަކީ، އަޅުގަނޑުގެ އިތުރުން މިސެންޓަރުގެ ގިނައަދަދެއްގެ ދަރިވަރުންގެ ކަންބޮޑުވުމެއް ހުށަހަޅާލުމެވެ. ވަރަށް ގިނަ ދަރިވަރުންގެ އެދުމުގެ މަތިންނެވެ. މިސިޓީއާއެކު މިކަމަށް ތާއީދުކުރާ ވަރަށްގިނަ އަދަދެއްގެ ދަރިވަރުންގެ ސޮއިވެސް ހިމަނާފައިވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު ދަތިކަމަކީ ނޯޓްސް ގަންނަންޖެހުމެވެ. ނޯޓްސް ޕޮޓޮކޮޕީ ހައްދަންޖެހުމެވެ. ސިލަބަހުގައި ކަނޑައެޅިފައިވާ ޓެކްސްޓް ފޮތްތައް ހުރިކަމުގައި ވިޔަސް އަޅުގަނޑުމެނަށް ގިނައިން މިޖެހެނީ ޕްރިންޓެޑް ނޯޓްސް ކޮޕީހައްދާށެވެ. މިއީ ވަރަށް ދަތި ކަމެކެވެ. ގިނަފަހަރަށް އޮންނަނީ ކޮޕީ ނުހެއްދިފައެވެ. ފައިސާގެ ދަތިކަންވެސް ބައެއްކުދިންނަށް ބޮޑީއެވެ. އަޅުގަނޑުގެ ނަޒަރުގައި މާލޭގައި ހުރި ހަމައެކަނި ސަރުކާރު، އަދި ރާއްޖޭގެ އެންމެ ޕްރޮފެޝަނަލް، އޭލެވެލް ސެންޓަރުގެ ހައިސިއްޔަތުން، އޯލެވެލްގެ އެންމެ ރަގަޅު ނަތީޖާ ހާސިލްކުރާ ކުދީންނަށް ހިތްހަމަޖެހުމާއެކު ތަޢުލީމު ލިބިގަތުމުގެ ފުރުސަތު މިސެންޓަރުން ލިބެންވާނެއެވެ. މިދެންނެވީ އެފުރުސަތު މުޅިންނެތް ވާހަކައެއް ނޫނެވެ. ނަމަވެސް އަމީނިއްޔާ މަޖީދިއްޔާފަދަ ސަރުކާރުގެ ސާނަވީ ސްކޫލްތަކުންވެސް، ކޮޕީ ހައްދަންޖެހޭ އެއްޗިހި ހިލޭ ފޯރުކޮށްދެވޭއިރު ސީ.އެޗް.އެސް.އީގެ ދަރިވަރުންނަށް އެޚިދުމަތް ހިލޭ ނުލިބެންވީ ސަބަބެއް ނެތެވެ. އަޅުގަނޑުމެންނަށް އެފުރުސަތުލިބުން ހައްޤުކަން ބޮޑެވެ. އަޅުގަނޑުމެންނަށް ނޯޓްސް ކޮޕީ ހައްދަން ޖެހުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. ފައިސާ އިތުރުން ވަގުތުގެ ދަތިކަންވެސް ކުރިމަތިވެއެވެ. އެންމެ ޕޮޓޯކޮޕީ މެޝިނަކުން ޚިދުމަތް ލިބިގަނެވެނީ ގިނަފަހަރު ކިއުގަ ޖެހިގެން ހުރެ ގިނަ ވަގުތުތަކެއް ބޭކާރުވެގެންނެވެ. ވުމާއެކު އެންމެ ހިތްހަމަޖެހިގެން ކުލާހުގައި ތިބެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ވަރަށްކުޑައެވެ. ގަޑިއަށް ނޯޓްސް ހެއްދުން އުދަގުލެވެ. އަޅުގަނޑުމެން ބޭނުންވަނީ މިއަށްވުރެ ލުއިފަސޭހަގޮތަކަށް ނޯޓްސް ލިބި، ކުލާހުގައި ތިބެ ހިތްހަމަޖެހުމާއެކު ގަޔާވެގެން ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށާއި ކުރިއަށްއޮއްތާ މިސެންޓަރުން ތަޢުލީމު ހާސިލް ކުރާނެ އެންމެހާ ދަރިވަރުންނަށް ލިބިގެންދިއުމެވެ. އަޅުގަނޑުމެންނަށް ސްކޫލްފަރާތުން ނޯޓްސް ހިލޭ ލިބޭނެ މަގެއް ފަހިވުމެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަށް ބުރަވާއިރު ސްކޫލް ފަރާތުން ސޯޅަ ސަތޭކައެއްހައި ދަރިވަރުންނަށް ޕޮޓޯ ކޮޕީގެ ޚިދުމަތް ފޯރުކޮށްދޭން މާސިންގާ ޚަރަދުތަކެއް ހޭދަކުރާކަށް ނުޖެހޭނެއެވެ. ނިސްބަތުން ކުޑަ ހަރަދަކުން މިކަން ކުރެވޭނެ މަގުތައް އެބަހުއްޓެވެ. ވުމާއެކު، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެންގެ މިކަންބޮޑުވުމާމެދު ސްކޫލުން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމެވެ. އަދި ސްކޫލް ބަޖެޓުން މިކަން ކޮށްދެވެންނެތް ނަމަ އެޑިޔުކޭޝަން މިނިސްޓްރީ ގައި ނުވަތަ ކަމާބެހޭ އެހެން ފަރާތެއްގައި ނަމަވެސް ދަންނަވައިގެން މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމެވެ. އަޅުގަނޑުގެ އުންމީދަކީ ސްކޫލް މެނޭޖްމަންޓުން އަބަދުވެސް ކަންތައްކުރަމުންގެންދާނީ ދަރިވަރުންނަށް އެންމެފައިދާ ހުރި ގޮތަށް
ކަމެވެ. ޖޫން 2007 އިޚުތިރާމްޤަބޫލުކުރެއްވުން އެދެމެވެ


އަލްމުޚުލިސް

މޫސާ އަންވަރު

(އެންމެހާ ދަރިވަރުންގެ ފަރާތުން)

ޕެޓިޝަނުގައި ސޮއިކުރި 749 ދަރިވަރުންގެ ސޮއިެ ____________________________________________________________