Thursday, October 18, 2007

އާމިރާއާ ބައްދަލުކުރުމަށް އިސްދަރިވަރުން ހުށަހަޅައިފި

ބުދަ 18 ޖުލައި 2007

ސީއެޗްއެސްއީގައި އިސްލާޚުކުރަން ޖެހޭ ކަންތައްތަކާއިމެދު އަދި އެސްކޫލްގައި އިސްދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމާމެދު މަޝްވަރާކުރުމަށްޓަކައި އެސްކޫލްގެ ޕްރިންސިޕަލް ފާތުމަތު އާމިރާއާ ބައްދަލުކުރުމަށް އެދި އެސެންޓަރުން ދަސްވެނިވިފައިވާ އިސްދަރިވަރުންތަކެއް ހުށަހަޅައިފިއެވެ. އިސްދަރިވަރުންގެ ފަރާތުން ސިޓީ ހުށަހަޅާފައިވާނީ މޫސާ އަންވަރުގެ ނަމުގައެވެ. ތިރީގައި މިވަނީ ޕްރިންސިޕަލަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެކެވެ. "ރިފޯމް ސީއެޗްއެސްއީ" ހަރަކާތުގެ ފަރާތުން ޕްރިންސިޕަލަށް ހިތްވަރުދެނީ ވީހާވެސް އަވަހަކަށް އިސްދަރިވަރުންނަށް ޖަވާބެއްދެއްވުމަށާއި އެކުދިންނާއި އިސްލާމީ ރިވެތި އުސޫލުގެމަތިން އެކުދިންނާއި މަޝްވަރާކުރުމަށެވެ.

a

ސީ.އެޗް.އެސް.އީގެ ލޮބުވެތި ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު އާމިރާއަށް

ވެދުންސަލާމަށްފަހު ދަންނަވަމެވެ.

ސީއެޗްއެސްއީގައި ވޭތުވެކުރި ދެއަހަރުގެ ތަޖުރިބާއަށްފަހު އިސްލާހުކުރަން ޖެހޭކަމަށް އަޅުގަނޑަށް ފެންނަ ބައެއް މުހިއްމު ކަންކަން އަޅުގަނޑު ވާނީ ނިމިދިޔަ ޖޫން މަހު ޕްރިންސިޕަލަށް ހުށަހަޅާފައެވެ. އެގޮތުން ސީއެޗްއެސްއީގެ އިސްދަރިވަރުންނާއި ސްކޫލްގެ ގުޅުން ކުޑަކަމާއެކު، އެއީ އެކަން އޮންނަން ޖެހޭ ގޮތްކަމަށް ނުވާތީ، ސްކޫލުން ވަކިވާ ކުދިންނާއި ސްކޫލްގެ ގުޅުން ބަދަހިކުރުމަށްޓަކައި އިސްދަރިވަރުންގެ ޖަމިއްޔާއެއް ހެދުމަށްވެސް އަޅުގަނޑުވާނީ ޑްރާފްޓެއް ހުށަހަޅާފައެވެ. އަޅުގަނޑުމެންގެ އިޚްލާސްތެރި މަޤްސަދަކީ ކޮންމެވެސް ހައިސިއްޔަތަކުން ސީއެޗްއެސްއީއަށް ތާއަބަދު ޚިދުމަތް ކުރުމެވެ. ހަމައެހެންމެ ކިޔަވަން ބޭނުންވާ ނޯޓްސް ލުއި ފަސޭހަ ގޮތަކަށް ލިބުމަށް އެދި މިސެންޓަރުގެ މެޖޯރިޓީކުދިންގެ ތާއީދާއެކު އަޅުގަނޑުވާނީ އިލްތިމާސް އެއްވެސް ހުށަހަޅާފައެވެ. މަޤްސަދަކީ ދަރިވަރުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ލިބުމެވެ.

މިފަދަ ކަންކަމާމެދު ޕްރިންސިޕަލާއި މަޝްވަރާކޮށްލަން އަޅުގަނޑުމެން ސީއެޗްއެސްއީގެ އިސްދަރިވަރުންކޮޅެއް އެބަބޭނުންވެއެވެ.

ވުމާއެކު އަޅުގަނޑުމެންނަށް ޕްރިންސިޕަލާއި ބައްދަލުކުރުމުގެ ފުރުސަތެއް ދެއްވުން އެދި އިޚްލާސްތެރިކަމާއެކު ދެންނެވީމެވެ.

އިޚްތިރާމްޤަބޫލްކުރެއްވުން އެދެމެވެ.

16 ޖުލައި 2007

އަލްމުޚްލިސް


މޫސާ އަންވަރު

(އިސްދަރިވަރުންގެ ފަރާތުން)

ސެންޓަރފޮރ ހަޔަރަ ސެކަންޑްރީ އެޑިއުކޭޝަން

މާލެ،

ދިވެހި ރާއްޖެ

____________________________________________________________

އަހަރީދުވަހު ސީއެޗްއެސްއީ ދަރިވަރުން ނާހިދާ އިސްތިއުފާއަށް ގޮވައި އިހުތިޖާޖުކޮށްފި

އާދިއްތަ 8 ޖުލައި 2007


ސީއެޗްއެސްއީގެ އަހަރީދުވަހުގެ މުނާސަބަތުގައި އިއްޔެ ހެންވޭރު ދަނޑުގައި އެސެންޓަރުގެ ދަރިވަރުންގެ މެދުގައި ބޭއްވުނު ކުޅިވަރުތައް ނިންމާލުމުގެ ގޮތުން، ސީއެޗްއެސްއީގެ ދަރިވަރުން، އެސެންޓަރުގެ ސުޕަވައިޒަރު ނާހިދާ މުޙައްމަދުގެ އިސްތިއުފާ ދިނުމަށް ގޮވާލާ އިހުތިޖާޖު ކޮށްފިއެވެ. ގާތްގަނޑަކަށް ދުއިސައްތައެއްހައި ކުދިން ބައިވެރިވި އިއްޔެގެ ކުޅިވަރު ހަރަކާތްތަކަށްފަހު ނާހިދާ އިސްތިއުފާއަށް ގޮވާލައި ލީފްލެޓް ބަހާފައިވެއެވެ. ސްކޫލްޓީޗަރުންނަށާއި ކުދިންނަށް ދުއިސައްތައެއްހައި ލިފްލެޓް ބެހުމުގައި މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވިއެވެ.

ދަރިވަރުންގެ ޝުއޫރުތައް ހުރިގޮތާ ބެހޭގޮތުން ދަރިވަރަކާއި ސުވާލުކުރުމުން "ނާހިދާ އިސްތިއުފާއަށް ގޮވާލާ ލީފްލެޓް ދިނުމުން ކުދިން ވަރަށް ގަޔާވޭ އަދި އޭނާ އަކީ މާ ބޮސީ ވެގެން އުޅޭ ކުދިންނާ ނުގުޅޭ ފޮނި މީހެއް، އޭނާ ޤަބޫލެއްނުކުރަން، ޖުމްލަގޮތެއްގައި މުޅި ސީއެޗްއެސްއީގެ ރޫހު މިހުރީ ނާހިދާ އާދެކޮޅަށް، ސީއެޗްއެސްއީއަށް އަޅުގަނޑުމެން މިގޮވާލާ އިސްލާޚުތައް އަންނަންދެން އިހުތިޖާޖުތައް މެދުނުކެނޑި ކުރިއަށްދާނެ" ކަމަށް ބުންޏެވެ

____________________________________________________________

ސީއެޗްއެސްއީ އިސްލާޚުކުރުމަށް ގޮވާލައި ފުރަތަމަ ފަހަރަށް ސީއެޗްއެސްއީ ކުދިން މުޒާހަރާކޮށްފި

ހޯމަ 25 ޖޫން 2007

މާލޭގައި ހަމައެކަނި މަތީ ސާނަވީ ކިޔަވާދޭ ސަރުކާރު ސްކޫލްކަމަށްވާ ސެންޓަރ ފޯ ހަޔާ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ން މިއަދު ދަސްވެނިވި 300 އެއްހާ ދަރިވަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ދަރިވަރުން ދަރުބާރުގޭ ކުރިމަތީ ކުރި އިޙްތިޖާޖްގައި ސީއެޗްއެސްއީގެ ސުޕަވިޒަރ ނާހިދާ ސްކޫލުގައި ސަރުކާރުގެ ޕޮރޮޕެގަންޑާ ހިންގާފައިވާތީ މަޤާމުން އިސްތިފާދެއްވުމަށް ގޮވާލައިފިއެވެ.

އިސްތިޢުފާގެ އަޑު އުފުލަމުން، ނާހިދާއަކީ ސިޔާސީކުލަ ޖެހިފައިވާ ސަރުކާރުގެ ޕޮރޮޕެގަންޑާ ހިންގާ މެޝިނެއްކަމަށް ސީއެޗްއެސްއީގެ ދަރިވަރުން ގޮވަމުންދިޔައެވެ. އަދި ނާހިދާގެ އަނިޔާވެރިކަމުގެ ޝިކާރާގައި އެތައް ކުދިންނެއް ޖެހިފައިވާކަމަށާއި، އެގޮތުން އޭނާގެ ހަސަދާގައި ޖެހި އެތައް ކުދިންނެއްގެ ކިޔެވުން ހަލާކުވެފައިވާކަމަށް މި އިޙްތިޖާޖްގައި ބައިވެރި ކުދިން ގޮވަމުންދިޔައެވެ.

މި އިޙްތިޖާޖްތަކުގައި ބައިވެރިވި ކުދިން ތިބީ އެކުދިންގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ބެނާތަކެއް ހިފައިގެންނެވެ. “ސީއެޗްއެސްއީގެ 18 މިލިއަން ބަޖެޓު ކޮބާ؟” އަދި “ކިޔަވާ ކުދިންނަށް ޤާބިލު ޓީޗަރުން ބޭނުން، ލައިބްރަރީގެ ހިދުމަތް ރަނގަޅުކުރޭ” އިޙަތިޖާޖް ކުރަމުންދިޔަ ކުދިން ގެންގުޅުނު ބެނާތަކުގައި ލިޔެފައިވެއެވެ. އަދި މީގެ އިތުރުން ސީއެޗްއެސްއީ އިސްލާހުކޮށް، މިވީ ދެ އަހަރުތެރޭގައި ދަރިވަރުންނަށް ކުރެވުނު ހިތި ތަޖުރިބާގެ ރަހަ، ސީއެޗްއެއްސީއަށް އަންނާން އޮތް ޖީލު ސަލާމަތް ކޮށްދެއްވުމަށް ގޮވަމުންދިޔައެވެ. “ލެބޯޓްރީގައި ކެމިކަލް ހަމަކޮށްދީ، އަންހެންކުދިންނަށް އުދަގޫ ނުކުރޭ” އަދި “އަޑު އައްސަވާ، ހަސަދަވެރި ތަފާތު ކުރުންތަކަށް ޖާގައެއްނެތް، ނާހިދާ އިސްތިޢުފާ” ޝުއޫރުފާޅު ކުރުމަށް އުފުލަމުންދިޔަ ބެނާތަކުގައި ލިޔެފައިވެއެވެ









____________________________________________________________